ޚަބަރު
މުސާރަތައް ކުޑަނުކުރެވޭނެ ކަމަށް ރައީސަށް ލަފާ ދޭން ފާސްކޮށްފި
މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އިން 10 ޕަސެންޓު ކުޑަކުރަން ނުފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުން ފާސްކުރީ މާލިއްޔަތު ކޮމިޓީން މި މައްސަލަ ބަލާ ފާސްކުރި ގޮތަށެވެ. ކޮމިޓީ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު އެއްވެސް މެންބަރަކު ވޯޓުގައި ބައިވެރި ނުވެ އެވެ.

ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގައި އަސާސީ މުސާރަ 12،000 އަށް ވުރެ މަތިން ލިބޭ ނަމަ 10 ޕަސެންޓު އުނި ކުރުމަށާއި މަޖިލީހަށް ފެންނަ ނަމަ ޝަރުއީ ދާއިރާ އާއި މަޖިލިހުގެ މެންބަރުންގެ މުސާރައިން ވެސް 10 ޕަސެންޓް ކުޑަ ކުރަން ބޭނުންފުޅުވާތީ މަޖިލިހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ އެދިވަޑައިގެންފަ އެވެ.

އެކަމަކު، އެ މައްސަލަ ދިރާސާކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުގައި ވަނީ މި އިދާރާތަކުގެ މުސާރަ ކުޑަކުރެވެން އޮތީ ގުޅުން ހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.

އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރަ އެއް ހަމަކުރުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށް ވާއިރު، ގާނޫނަށް ބަދަލު ނުގެނެސް މުސާރަ ކުޑަކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ކޮމިޓީން ނިންމި އެވެ.

ސަރުކާރުގެ ހަރަދުތައް ބޮޑުވެ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު ނަމަވެސް ހަރަދުތައް ދެކޮޅު ނުޖެއްސޭތީ މާލީ އިދާރާތަކުގެ ކަންބޮޑުވުން އެބައޮތެވެ. އަދި، ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ދަށްކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު