ޚަބަރު
ރޯދަ މަހު އަތޮޅުތެރޭގެ ހަތް ރަށެއްގައި އިހުޔާ ފޯރަމް ކުރިއަށް ގެންދަނީ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިހުޔާ ފޯރަމް، މިއަހަރު އަތޮޅުތެރޭގެ 7 ސިޓީ/ރަށެއްގައި ބޭއްވުމަށް ނިންމައިފި އެވެ.

އެގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫގައެވެ. މި ރަށްތަކުގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގަ އެވެ.

ރަމަޟާން މަހު އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލި ފުރުސަތުގައި ގިނަ ރަށްތަކަކުން ޕްރޮޕޯސަލް ހުށައެޅިއިރު، އަތޮޅުތެރޭގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދާ ރަށްތައް ކަނޑައަޅާފައިވަނީ، އެކަމަށްއެދި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަައް ބަލައިގެންނެވެ. މި ޕްރޮޕޯސަލްތައް ވިލަރެސް ކޮށްފައިވަނީ އެކަމަށް ޚާއްސަ ކޮމިޓީއަކުންނެވެ.

ރަމަޟާން މަހު އިޙްޔާ ޕްރޮގުރާމްތައް ބޭއްވުމަށް ހުށައެޅި ރަށްތަކުގެ ތެރެއިން ޕްރޮޕޯސަލް ކާމިޔާބު ކުރި ރަށްތަކުން، އިހުޔާ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށްދާ ޚަރަދުގެ ބޮޑު ބައި ކައުންސިލްތަކުން ކުރާ ގޮތަށް ހިމަނާފައިވާކަން ފާހަގަކޮށްލެވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ރޯދަ މަހު މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ ހަތް މިސްކިތެއްގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތުގައި ހިފްޒުކޮށް ތަރާވީސް ނަމާދުކުރާނެ އެވެ.

މާލޭގައި ހިފްޒުކޮށް ތަރާވީސް ނަމާދުކުރާ މިސްކިތްތައް

  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު (ދުނބުރި މިސްކިތް)
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
  • މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދުލް ފުރުޤާން
  • މަސްޖިދުއްނޫރު
  • މަސްޖިދު އިބްރާހީމް
  • މަސްޖިދުއް ޝަހީދު ޢަލީ
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
  • މަސްޖިދުއް ޛިކުރާ

ހުޅުމާލޭގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކުރާ މިސްކިތްތައް

  • މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ގުއްބު މިސްކިތް)
  • މަސްޖިދު ޢަޒީޒާ މޫސާ
  • މަސްޖިދުލް ވާލިދައިނި
  • މަސްޖިދު މުޙައްމަދު
  • މަސްޖިދުލް އަޞްދިޤާ
  • މަސްޖިދު ޙަސަން އާދަމް
  • މަސްޖިދު އަމީލު ޖަލީލު
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ވިލިމާލޭގައި ހިފްޒުކޮށް ތަރާވީސް ނަމާދުކުރާނީ އިހްލާސްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު