ފަޒީން ބްރޯޑްކޮމްއިން ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމިޓީން ފާސްކޮށްފި
އަލީ ރާޒީ
05 މާޗް 2025 - 23:44
0 comments
ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން --
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް, މުޙައްމަދު ފަޒީންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީން މިރޭ ނިންމައިފި އެވެ.
ފަޒީންގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ އަށް މިނެޓަށް މިރޭ ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ޝަރީފް އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހިމް އެވެ.ނަމަވެސް މަޖިލީހުގެ ތަޅުމުން ފަޒީންއާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އޭނާއަށް ދޭން މިރޭގެ ކޮމިޓީގައި ފާސްކުރި އެވެ.މަޖިލިސް ގަވައިދުގައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއް މަގާމުން ވަކިކުރެވޭނީ، އެންމެ ފުރަތަމަ އެ މަސައްކަތް ފެށި ކަމަށް ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވުމަށްފަހު އެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ރިޔާސަތުގައި އިއުލާން ކުރުމަށްފަހު، ދިރާސާ ކުރުމަށް ކޮމިޓީއަށް އަނބުރާ ފޮނުވުމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު