ހޯރަފުށި އުތުރު ފަރާތު ބީޗް އާދަޔާހިލާފަށް ގިރަނީ، އަވަސް ހައްލެއް ބޭނުން
އަހުމަދު ނިހާން
10 މާޗް 2025 - 13:53
0 comments
ހޯރަފުށި އުތުރު ފަރާތު ބީޗް އާދަޔާހިލާފަށް ގިރަނީ - ފޮޓޯތައް: ކިއުންތެރިއެއް
ހއ. ހޯރަފުށި އުތުރު ފަރާތު ބީޗް އާދަޔާ ހިލާފަށް ގިރަމުން ދާތީ އެކަމަށް ދާއިމީ އަވަސް ހައްލެއް ބޭނުންވާ ކަމަށް އެ ރަށު ރައްޔިތުން ބުނެފި އެވެ.
ހޯރަފުށީގެ އުތުރު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި، އެ ސަރަހައްދުގައި ވަގުތީ ހައްލަކަށް ޖިއޯ ބޭގްސް ވެސް ވަނީ ޖަހާފަ އެވެ. ނަމަވެސް އެދެވޭ ކުރި އެރުމެއް ނުލިބި ރަށްވެހި ބީޗްގެ ބޮޑު ބައެއް ވަނީ ގިރައިގެން ގޮސްފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ރުއްގަސްތައް ވެސް ވަނީ ވެއްޓިފަ އެވެ. ފާއިތުވި އަހަރުތަކުގައި ހޯރަފުށީގެ އުތުރު ފަރާތް އެކި ސަރަހައްދުތައް އެކި ފަހަރު މަތިން ގިރާލާ ހޭޅީގައި ހެދިފައި ހުރި ބޮޑެތި ގަސްތަކަށް ވަނީ ގެއްލުންވެ އަދި ގިނަ ގަސްތައްވަނީ ނެތި ގޮސްފަ އެވެ.އަދި އެ ސަރައްދުގައި ދިރިއުޅޭ މީހުންގެ ހިންހަމަޖެހުމަށް ހަދައިފާހުރި ޖޯލިތަކާއި ހޮޅުއަށި ތައްވަނީ އޮޔާ ގެންގޮސްފަ އެވެ.ހޯރަފުށީ އުތުރުން ގިރާފައިވާ ބޮޑު ސަރަހައްދަކީ، ހޯރަފުއްޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނާއި ރަށުގެ ކުދި ބޮޑު އެންމެ ބޭނުން ކުރަމުން އަންނަ ހޯރަފުށީގެ "ޗާލު" ކަން ދައްކުވައިދޭ ހާއްސަ ބީޗު އޭރިޔާ އެވެ. އެހެންކަމުން ހޯރަފުށީ ރައްޔިތުންގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުން މިވަނީ ނެތި ދާންފަށައިފަ އެވެ.މިކަމާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކައުންސިލްގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.ހޯރަފުށީގެ ޓޫރިޒަމް ޒޯން ބީޗު އޭރިއާ އިން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށް ދާއިމީ ހައްލެއް ހޯދައިދެވެން އޮތީ ސަރުކާރަށެވެ.ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.އިތުރަށް ކިޔާލަން: އިހަވަންދޫއަށް އަންނަ ތަރައްގީ ފެނި ހޯރަފުށީ ކައުންސިލަރެއްގެ މަރުހަބާ..!
ކިޔުންތެރިންގެ ޝުއޫރު