
މި ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު, އެމްޑީޕީއަށް ނިސްބަތްވާ ޑރ. އަހުމަދު ޝަމްހީދެވެ.ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާއެކު އެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއިރު ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލެވޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ހަމައިން، އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކުރުމާއި އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓަށް ނިންމުމުން ފަނޑިޔާރުންގެ އަދަދު މަދު ކުރެވޭ ގޮތަށް ކުއްލިއަކަށް މަޖިލީހަށް އިސްލާހެއް ހުށަހެޅުނު ވާހަކަ ފާހަގަ ކޮށްފައިވެ އެވެ."ގާނޫނުއަސާސީގެ ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅޭ ހައްސާސް މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާ ގޮތުގެ ބަދަލު ގެނައުމުގެ މަސައްކަތްކޮށް ވުޖޫދުގައި ނެތް ސުލޫކީ މައްސަލަތަކެއް އުފައްދާ އެ ކޯޓުގެ ފަނޑިޔާރުން މަގާމުގެ މަސައްކަތުން އެކަހެރިކުރުމަކީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި އަމަލެއްކަން ހާމަވާން އޮތް ހިނދު،" ކުއްލި މައްސަލައިގައި ޝަމްހީދު ވިދާޅުވި އެވެ.