ޚަބަރު
ހުއްޓިފައި އޮތް ރައީސްގެ ޖަވާބު ސިލްސިލާ އަލުން ފަށަނީ
ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން އާންމުކޮށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލުކުރައްވަން ބޭނުންވާ ރައްޔިތުން، ސުވާލު ރެކޯޑް ކުރުމަށް ފަހު ހުށަހަޅާނީ، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު ޢާއްމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށްޓެވި ސިލްސިލާއެކެވެ. މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުޞަތު ދީގެންނެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފެއްޓީ ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއް ވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅޭނެ އިންތިޒާމުތަކާއި އެކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސްއާ ސުވާލުކުރަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުޞަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ ވަނީ ވަގުތީގޮތުން މެދުކަނޑާލީ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު