ޚަބަރު
ޓީބީ ނައްތާލުމުގެ މަސައްކަތް ހަރުދަނާ ކުރެވޭނެ: ރައީސް
ރާއްޖެއިން ޓިއުބަކިއުލޯސިސް (ޓީބީ) ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ޓީބީ ނައްތާލުމުގެ މަސައްކަތުގައި ރާއްޖެ އޮތީ ސާބިތުކަމާ އެކީގައި ކަމަށެވެ. އެގޮތުން ރާއްޖޭގައި ޓިއުބަކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދެމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޓީބީ ހުރިކަން އަވަހަށް ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖައްސައި ފުރިހަމަ ފަރުވާ ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއަކީ 1998 ވަނަ އަހަރުން ފެށިގެން ޓީބީގެ ކޭސްތައް ދެނެގަތުމުގެ 70 ޕަސެންޓާއި ބަލިން ފަރުވާ ހޯދުމުގައި 85 ޕަސެންޓް ހާސިލްކޮށްފައިވާ ފަސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 

ރާއްޖެ އިން މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ. އެތަނުން ބުނީ ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާންމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު