އަހަރުގެ މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް ވަނީ މާރުކޮށްފައި: ރައީސް
މަރިޔަމް އަނާ
27 މާޗް 2025 - 14:24
0 comments
ރައީސް ވިދާޅުވީ މިހާތަނަށް ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް
ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރި ފަހުން މިހާތަަނަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި އެ މަނިކުފާނު ވިދާޅުވީ މިއީ ކުރިން ބޭންކުތަކަށް މާރުކުރާ ޑޮލަރާ އަޅާބަލާއިރު %40 އިތުރު އަދަދެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް މިހެން ވިދާޅުވި ނަމަވެސް މި ސިޔާސަތުގެ ދަށުން ޑޮލަރު މާރުކުރަން ފެށިތާ ތިން މަސް ވާން ގާތްވީއިރު, އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް ނާދެ އެވެ. ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 19.20ރ. އަށެވެ. އަދި ޑޮލަރެއް މާރުކުރެވެނީ 19ރ. އަށެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online