ޚަބަރު
ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން: ޝާހިދު
ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ. 

ބުރަ މުސައްކަތުން ދިވެހިން ހޯދި ޑިމޮކްރެޓިކް ނިޒާމު ހުދުމުހުތާރުކަމުގެ ތެރެއަށް ގެނބެމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް މީޓިންގައި އިއްޔެ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިއްވާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. 

"ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން" ޝާހިދު ވިދާޅުވި އެވެ.

ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލާކަމަށް ބުނެ ދޮގުހަދައިގެންކަމަށާއި މިދޮގުތައް ހެދީ ގައުމީ ވިސްނުމެއްގައެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އަދި ރައީސް ޑރ. މުއިއްޒު އެކަން ކުރެއްވީ މީހުން ބައިބައިކުރަން ކަމަށާއި، އެކަން ހާމަވެގެން ދިޔައީ ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ، ބޭރުގެ ސިފައިން ނެތްކަމަށާއި، ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ އެކަމުގައި ކަންބޮޑުވާން ޖެހޭކަމެއް ނެތް އެއްބަސްވުންތަކެއްކަމަށް މިސަރުކާރުން އަމިއްލައަށް އެއްބަސްވުމުން ކަމަށް، ތަފްސީލާއެކު ޝާހިދު ވިދާޅުވެދެއްވި އެވެ.

"މިކަންކަމަށް ބީރުކަންފަތެއް ނުދިނުމަށް ތިބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. އަދި، ދެފުށް ފެންނަ ވެރިކަމަށް ކުރުމަށް ޕްރެޝަރު ކުރުމަށް ގޮވާލަން. މިނިވަން ޖުޑީޝަރީއެއް ގާއިމުކުރުމަށާއި ތެދު މައުލޫމާތު ގެނެސްދޭ ނޫސްވެރިންނަށާއި އިންސާފަށް އެދި މުޒާހަރާ ކުރާ ޒުވާނުންނަށް ހިތްވަރު ދިނުމަށް ތިބޭފުޅުންނަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.

ދިވެހިން މިއަދު މިދެކޭ ޑިމޮކްރެޓިކް ނިޒާމަކީ އެތައް ބައެއްގެ ގުރުބާނީ އާއި ބުރަ މަސައްކަތުން ގެނެސްފައިވާ ނިޒާމެއް ކަމަށާއި އެ އުސޫލުތަކާއި ހަމަތައް ފުނޑާލާތަން ބަލަން ބައިނަލްއަގުވާމީ މުޖުތަމައު ތިބެގެން ނުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޝާހިދު ގެންދަވަނީ އެކި ގައުމުގެތަކާއި ޖަމާއަތްތަކުގެ ވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ހާލަތު ހިއްސާކުރައްވަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ރާއްޖެއާ ގުޅޭ ގޮތުން އެމްޑީޕީން ބޭރު ދުނިޔެއަށް ދެނީ ދޮގު މައުލޫމާތު ކަމަށް ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު