ފަނޑިޔާރުން ވަކިކުރި މައްސަލައިގެ ކަންބޮޑުވުން ޔޫރަޕިއަން ޕާލިމެންޓާ ހިއްސާކޮށްފި
އައިމިނަތު ޝިޔާޒާ
15 މެއި 2025 - 08:10
0 comments
ފަނޑިޔާރުން ވަކިކުރި މައްސަލަ އެމްޑީޕީން ޔޫރަޕިއަން ޕާލިމެންޓާވަނީ ހިއްސާކޮށްފައި - ފޮޓޯ/ ޝާހިދު
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މިއަދު މަގާމުން ވަކިކުރުމާ ގުޅުން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ޔޫރަޕިއަން ޕާލަމަންޓާ ހިއްސާކޮށްފި އެވެ.
ބެލްޖިއަމްގެ ބްރަސެލްސްގައި އިއްޔެ އޮތް އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.ޔޫރަޕިއަން ޕާލަމެންޓުގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒް އެވެ.އެ ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ ނޫން ވެސް އެހެން ބައެއް ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފަ އެވެ.އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ޖޭއެސްސީއަށް އެންގި ޖިނާއި މައްސަލައަކާ ގުޅިގެން އަޒްމިރަލްދާއާއި މަހާޒާއެކު ހުސްނުއްސުއޫދު، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކުރިއެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލާ ކަމަށް ފަހުން ޖޭއެސްސީން ބުނެފައިވާއިރު، ސަސްޕެންޑުކުރިތާ މާގިނަ ދުވަހެއް ނުވެ ސުއޫދު އިސްތިއުފާ ދެއްވިއެވެ.އެ މައްސަލަ ބަލަން ޖޭއެސްސީން ސިއްރުކޮށްގެން އަޑުއެހުންތަކެއް ބޭއްވުމަށްފަހު ފާސްކުރީ އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމަށެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، ޖޭއެސްސީން ނިންމި ގޮތް ރަނގަޅު ކަމަށް އެ ކޮމިޓީން ވެސް ނިންމިއެވެ. އެއީ މަހާޒާއި އަޒްމިރަލްދާ ޖަވާބުދާރީވާން ފުރުސަތަށް އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު ނުދީ، ސިއްރުކޮށްގެން ގެންދިޔަ ބައްދަލުވުމެއްގައެވެ.އެ މައްސަލަ ތަޅުމަށް ފޮނުވުމާއެކު، ވެރިކަން ކުރާާ ޕީއެންސީގެ ސުޕަމެޖޯރިޓީން އިއްޔެ ވަނީ ފަނޑިޔާރުން ވަކިކުރަން ބޭނުންވާ ތިންބައިކުޅަ އެއްބައި ވޯޓު ހަމަކޮށް، ދެ ފަނޑިޔާރުން ވަކިކޮށްފައެވެ.ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި މި ވަނީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދިނުމަށްފަހު، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލް، އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.
ކިޔުންތެރިންގެ ޝުއޫރު