ޚަބަރު
ސީޕީއަށް ގުޅީ ގެ ބަލާ ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ބުނަން: އަމީން
މިނިސްޓަރު އަމީން މިއަދު މަޖިލީހުގައި
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އެތަނުގައި އިންނެވި އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވި ކަމަށާއި އެކަން އެގޮތަށް ކުރީ ނުފޫޒު ފޯރުވަން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެމްޑީޕީން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ކޮށްފައިވާ އެއް ތުހުމަތަކީ ތަހުގީގަށް ނުފޫޒު ފޯރުވުމަށް އޭރުގެ ސީޕީއަށް މިނިސްޓަރު އަމީން ގުޅުއްވި ކަމުގެ ތުހުމަތެވެ. ޔުމްނުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔައިރު، މިނިސްޓަރު އަމީން ސީޕީއަށް ގުޅުއްވި ކަމަށް އޭނާ ވިދާޅުވާ އަޑު އިވެ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ބައެއް ތަންތަން ބަލާފާސްކުރަން އަމުރު ނެރޭ ވާހަކަ އާއި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން އޭނާ ދިރިއުޅޭ ގޭގެ ނަން ކިޔަމުންދާތީ، އެ ގެއަށް ފުލުހުން ވަނުމަށް އެއްވެސް އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށް އަމީން ވިދާޅުވި އެވެ.

"އެ ހާދިސާއާ ގުޅިގެން އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައްލަވާ ކަންކަމަށްޓަކައި ބައެއް ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސް ކުރާ ވާހަކަ އެ ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާ އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން އަޅުގަނޑު ދިރިއުޅޭ ގޭގެ ނަން ކިޔަމުން ދިޔުމުން އަޅުގަނޑު ދިރިއުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށް ފަހު، އަޅުގަނޑުމެން ގެޔަށް ފުލުހުން އައުމަށް ކޯޓް އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއަށް ގުޅާފައި ވާނެ،" އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ މާންދޫގެދެކުނުގެ އާ އެއްވެސް ގުޅުމެއް އޮތް ކަމަށް މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށެވެ. އަދި އެ ހާދިސާ އާ އަމީންގެ އާއިލާގެ އެއްވެސް މީހަކާ ވެސް ގުޅުމެއް އޮތްކަން ތަހުގީގީ އިދާރާއަކުން މިހައިތަނަށް އަންގާފައި ނުވާކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ތަހުގީގީ އިދާރާއަކުން މިހައިތަނަށް ހާމަކުރައްވާފައިވާ މައުލޫމާތަށް ރިއާޔަތް ކުރާއިރު، ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި އަޅުގަނޑުގެ ތިމާގެ މީހެއް ނުވަތަ އާއިލީ ގޮތުން ގުޅުންހުރި މީހެއް ހިމެނޭކަން ނުވަތަ ޝާމިލުވާކަން ބަޔާން ކުރައްވައިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ޔުމްނު ވެއްޓުމާ އަމީންގެ އާއިލީ މީހަކާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް، އެ ރޭ ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ދޭން ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ރޭ ޕާޓީ ކުރުމުގައި ބައިވެރިވި މީހުންގެ ވަނަވަރު ހާމަކުރިއިރު އޭނާއާ އާއިލީ ގުޅުން އޮންނަ ދެ މީހެއްގެ ނަން ހާމަކުރި އެވެ. އެއީ އިޒްދިޔާން މުހައްމަދު މައުމޫން، 28، އަހަރާއި ޔޫސުފް އަހުމަދު އަކުރަމް، 22، އަހަރެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު