ޚަބަރު
ރައުދުގެ ބަންދަށް އިތުރު 5 ދުވަސް
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، އިތުރު ފަސް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ.

އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފަ އެވެ. 

އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތައަކު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ ޔުމްނު އެރޭ ހިނގި ހާދިސާގެ ކަންކަން ކިޔައިދީފައިވާ ކަމަށާއި އެގޮތުން އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ދިން ދައުވަތަކަށް ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ. އަދި އެ ގޭގައި އެރޭ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދުގެ އިތުރަށް ހަތަރު މީހަކު އުޅުނުކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް ދައްތަ ބުނެފައިވެ އެވެ.

"އެންމެފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހެއްޔޭ. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ.

"އޭނާ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީކީ،"

މި ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދަން އާއިލާއިން ބޭނުންވާ ކަމަށާއި ފުލުހުން މިކަމުގައި ހަދާފައިވާ ދޮގު ކަމަށްވެސް ދައްތަ ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު