ދުނިޔެ
އިންޑިޔާއާއި ޕާކިސްތާން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެ ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ޖިއޯ ޓީވީއަށް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި "ފުރިހަމަ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް" ތަމްސީލުކުރާ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމާ ގުޅިގެން ދެ ގައުމުން ވެސް އަސްކަރީ ޗެނަލްތަކާއި ހޮޓްލައިންތައް އެކްޓިވޭޓްކޮށްފައިވާކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއުލާން ކުރެއްވި ގޮތުގައި ދެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ޑިރެކްޓަރު ޖެނެރަލް ހޮނިހިރު ދުވަހުގެ މެންދުރު ފަހު މަޝްވަރާ ކުރައްވައި، ބިމާއި ވައިގެ އަދި ކަނޑުގައި ހިންގާ ހުރިހާ ހަނގުރާމައެއް ހުއްޓުވުމަށް އެއްބަސްވެވަޑައިގަތީ އިންޑިއާގެ ސްޓޭންޑަޑް ގަޑިން ހަވީރު 5 (ޖީއެމްޓީ 11:30) އިން ފެށިގެންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ މި ކަންކަމަށް މަރުހަބާ ވިދާޅުވެ، އޭނާ އާއި ނައިބު ރައީސް ޖޭޑީ ވޭންސް ދެ ގައުމުގެ އިސް އޮފިޝަލުންނާ އެކު 48 ގަޑިއިރުގެ ވަރުގަދަ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރައްވާފައިވާކަން ހާމަކުރައްވާފަ އެވެ.

ކަޝްމީރުގައި މިދިޔަ މަހު އާންމުންގެ 26 މީހަކު މަރާލި ހަމަލާގެ ޒިންމާ ޕާކިސްތާނުން އުފުލަންޖެހޭ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިނުމުން ރޭ ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ އެކި އަމާޒުތަކަށް ހަމަލާ ދީފަ އެވެ. ރޭ ދެ ގައުމުން ވެސް ހަމަލާ ދިނީ އެއްބަޔަކު އަނެއް ބައެއްގެ އަސްކަރީ އަމާޒުތަކަށެވެ.  

މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ފެށުމާ އެކު މަސްރަހު ހޫނުވެ ރައްދު ދޭން ފެށި ފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ޒަމާނީ ޖެޓުތަކާއި ޑްރޯން ގިނަ އަދަދަކަށް ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ދާއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު