ޚަބަރު
އަސާސީ ބޭހުގެ ލިސްޓު މުރާޖައާކޮށް، އަމަލުކުރަން ފަށަނީ
ރާއްޖޭގައި ހިންގާ ފާމަސީތައް ދެ ގިންތިއަކަށް ބަހާލާއި، އެ ގިންތިއަކާ އެއްގޮތަށް އަަސާސީ ބޭސްތައް ލިބޭނެ ގޮތް ހަމަޖައްސަން ހަ މަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން (އެމްއެފްޑީއޭ)އިން ދީފި އެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު އަދާހަމަކޮށްފައިވާ ކަމަށެވެ. މި ލިސްޓު ދެ ގްރޭޑަކަށް ގިންތި ކޮށްފައިވާއިރު، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެއެވެ. އަދި އަލަށް ހުޅުވާ ފާމަސީ ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީ ގައި ބަހައްޓަން ޖެހޭ ބޭސް ހަމަކުރުމުން ކަމުގައި އެމްއެފްޑީއޭއިން ބުންޏެވެ. 

ފާމަސީތައް ގިންތި ކޮށްފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ގައިޑްލައިން އެ އޮތޯރިޓީގެ ވެބްސައިޓުންނާއި، ސިއްހީ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލްއިން ފެންނަން ހުންނާނެކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭން ބަލި މީހުންނަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ "ސްޓޭޓް ފާމާ" ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައިފައެވެ. ނަމަވެސް އެ ކުންފުނި އުފެއްދި ފަހުން ވެސް ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭކަމުގެ ކަންބޮޑުވުން އޮވެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު