ޚަބަރު
ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރާ މައްސަލަ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ވާހަކަދެއްކުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ ފަނޑިޔާރާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވާށެވެ.

ކޮމިޓީއަށް ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ މެދު ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެކަންޏެވެ.

މީގެއިތުރުން ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ހުރި އިޖުރާއީ މައްސަލަތައް ފާހަގަކުރަން ވެސް މައުރޫފް ހުށަހެޅުއްވި އެވެ. ނަމަވެސް، އެކަމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުން ނިންމާލީ އެ މައްސަލަ އިތުރަށް ދިރާސާކުރާ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ. އެ ފަހުން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.

އެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހަކީ އެ މައްސަލައާ ގުޅޭ ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބޭއްވުމަށް ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ. ނަމަވެސް، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން ފުލް ބެންޗުން ބަލަމުން އައި އެ މައްސަލަ މަޑު ޖެހުނީ އެވެ.

ސަރުކާރު މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ބަލަމުން ދަނިކޮށް ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާއިރު މިކަމާ ގުޅިގެން އުއްތަމަފަނޑިޔާރުގެ ޒިންމާތައް އަދާ ނުކުރައްވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެހެން އެކަން އޮށްވައި މިދިޔަ ބުރާސްފަތި ދުވަހު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު