ޚަބަރު
ފަނޑިޔާރުންނަށް މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދޭން ބާ ކައުންސިލުން އެދިއްޖެ
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކުރަން ބާ ކައުންސިލުން އެދިއްޖެ އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގި ތަހުގީގުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގައި ބާ ކައުންސިލުން މިއަދު ދަންނަވާފައިވާނެ ކަމަށެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކި ކުރުމުގެ މައްސަލައެއް ޖޭއެސްސީއިން މަޖިލީހަށް ހުށަހަޅާފައިވާއިރު، ފަނޑިޔާރުން ސުލޫކީ މިންގަނޑާ ހިލާފުވެފައިވޭތޯ މަޖިލީހުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން އެދިފައި ވަނީ:

  1. ޖޭއެސްސީ އިން އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރުން
  2. ޖޭއެސްސީ އިން ފާހަގަކޮށްފައިވާ ކަންކަމަކީ ތުހުމަތުވާ ފަނޑިޔާރުންގެ ހައްގުތައް ކަށަވަރުކޮށްދީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން ކަށަވަރު ކުރުން
  3. ފަނޑިޔާރުން ވަކި ކުރަން ނިންމި ނިންމުމަށް ވާސިލުވެފައިވަބީ ބުރަދަން ހުރި ހެކީގެ މައްޗަށް ކަން ކަށަވަރު ކުރުން
  4. ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުން
  5. ދިފާއީ ވަކީލުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުން
  6. ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން
  7. ފަނޑިޔާރުން ހާޒިރު ކުރާ ނަމަ ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ބޭއްވުން
  8. މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމާއިރު އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުން

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމީ ފަނޑިޔާރުން ވަކި ކުރަން ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރިޕޯޓު ދިރާސާ ކުރުމަށެވެ. އެ ރިޕޯޓު ތައްޔާރު ކުރި މެންބަރުން ހާޒިރު ކުރަން ވެސް މެންބަރަކު ހުށަހެޅި އެވެ. އެކަމަކު، އެ ހުށަހެޅުން ފާހެއް ނުވި އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ކޮމިޓީއަށް ފޮނުވީ މިއަދު އެވެ.

ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު