
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާ އާއި ޕާކިސްތާނުން ދެމުންދިޔަ ހަމަލާތައް ހުއްޓާލައި ސުލްހަ އާއި މަޝްވަރާގެ މަގު އިހުތިޔާރުކޮށް، ސަރަހައްދީ ހަމަޖެހުމަށްޓަކައި ފިޔަވަޅު އެޅުމުން އެ ދެ ގައުމުގެ ލީޑަޝިޕަށް ތައުރީފު ކުރައްވައިފަ އެވެ.އެ ހަމަލާތައް ފެށިފައިވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ އާންމުންގެ ބަޔަކު މިދިޔަ މަހުގެ ފަހުކޮޅު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނާއި ކަޝްމީރަށް ހަމަލާ ދޭން ފެށުމުންނެވެ. އެއީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ ހަމަލާތަކުގައި މަރުވީ ކުށެއް ނެތް އާންމުން ކަމަށެވެ.