ޚަބަރު
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ނެތް: އިހުސާން
އުމުރުން 21 އަހަރުގެ ޔުމްނު
މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިންގާ ތަހުގީގުގައި ހާމަކަން ބޮޑު ގޯސްތަކެއް ފެނުނު ނަމަވެސް ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި ރޭ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ތަހުގީގެއްގައި އާންމުކޮށް މައުލޫމާތު ނުދޭހާ އަވަހަށް މި މައްސަލައިގައި ރައްޔިތުންނަށް މައުލޫމާތުތަކެއް ދޭން ފެށި ކަމަށާއި ފުލުހުން މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަހުގީގުކުރާ ދެތިން އިދާރާއެއް އަދި އެބައޮތް ކަމަށާއި އެ އިދާރާތަކުން ވެސް އެކަންކަން ބަލަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަދި އަދަށް ދާންދެން އަޅުގަނޑާއި ހިސާބަކަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް އަޅުގަނޑުމެންނާއި ހިސާބަށް ފާހަގަވެފައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން މިހެން ވިދާޅުވިއިރު، އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސް މެންބަރުންގެ ކޮމިޝަނެއް އެކުލަވާލީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވެގެންނެވެ.

އާއިލާ އާއި އާންމުން ވެސް ވަނީ ފުލުހުން މި މައްސަލާގައި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތު އެންމެ ފުރަތަމަ އަމާޒުވީ މައްސަލާގައި ހިމެނޭ އެހެން މީހުންގެ ވަނަވަރު އާންމުނުކޮށް، ޔުމްނުގެ ވަނަވަރު އެކަނި ފުރަތަމަ އާންމުކުރުމުންނެވެ.

އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ވެސް ތުުހުމަތުކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު