ޚަބަރު
މަނީ ލޯންޑާކުރި ބިދޭސީއެއް ހައްޔަރުކޮށްފި، އެކައުންޓުތަކުން މިލިއަނުން ފައިސާ ދައުރުކުރި
އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން މަނީ ލޯންޑާކުރި ބިދޭސީ މީހާގެ ވަނަވަރު
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެއަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހުއްޓުވައި، އެކަމުގައި އިސްކޮށް ބައިވެރިވާ ބިދޭސީ މީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ޕޮލިހުން ބުނެފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި ތުހުމަތުވާ އިމިގްރޭޝަން އޮފިސަރުންނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅޭ އިތުރު މައްސަލައެއް ވެސް ހިއްސާކޮށްފައެވެ.

އެގޮތުން އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއްގެ ވަނަވަރު ވަނީ ހާމަކޮށްފައެވެ.

އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިން 34އ އެވެ.

އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ޖުމުލަ ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެމުންދިޔަ މީހެއްކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ. އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ހަ އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި ތިން ޑޮލަރު އެކައުންޓް ހިމެނެ އެވެ. އޮކްޓޯބަރު 2019 އިން ފެށިގެން އޭނާގެ އެކައުންޓުތަކުން އަށް މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.

"ޝަހާދަތު ހުސައިން ގެންގުޅޭ ފޯނާއި ލެޕްޓޮޕްގައި އެކު ކުންފުނިތަކުގެ ރަޖިސްޓްރީ އާއި، ލޯގޯ، ސްޓޭމްޕް، އެކި މީހުންގެ ސޮއެ ބިދޭސީން ހިމެނޭ ގޮތަށް، އަދި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓްސް، ބިދޭސީންގެ ޕާސްޕޯޓް ކޮޕީ، އަދި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ ފެނިފައިވޭ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކުރި އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 103 އެކައުންޓް އޭނާ އެކްސްޕެޓް ސިސްޓަމަށް ލޮގިން ވުމަށް ބޭނުންކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި 283 ކުންފުންޏެއްގެ ނަމުގައި ޕާސްވޯޑާއި އައިޑީ ހޯދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ހިމެނޭ އިމިގްރޭޝަން މުވައްޒަފުންގެ ބަޔާއި އާންމުންގެ ބައި ވަކިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމުގެ އިތުރު ތަފްސީލެއް މިއަދު ފުލުހުން ހާމަނުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު