ޚަބަރު
ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީއިން ބެލީ ގާނޫނާ ހިލާފަށް: ފިލްޒާ
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ، އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ބޭއްވި ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

މި މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން މިހާރު ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފަ އެވެ. 

އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ މައްސަލަ ތަހުގީގުކުރިއިރު ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ފިލްޒާ އެ ކޮމިޓީއަށް ފޮނުއްވި ލަފާގައި ވިދާޅުވީ މައްސަލަ ބަލަން ނިންމުމުގައި ގާނޫނު ބުނާ އިޖުރާއަތުތައް ޖޭއެސްސީން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

ފިލްޒާގެ ލަފައާމެދު ގޮތެއް ނިންމުމަށް އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ކައުންސެލް ޖެނެރަލްގެ ލަފާ އެހެން އޮތް ނަމަވެސް، ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް އޭނާގެ ލަފާ ރިޕޯޓުގައި ހިމެނުމަށް ފަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ރިޕޯޓު ތަޅުމަށް ފޮނުވުމަށެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކުއެވެ. އެއީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ކުރަން އެ ޕާޓީއަށް ވަރަށް ފަސޭހަ ކަމެކެވެ. 

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު