ޚަބަރު
ޝަމްއާންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި އިތުރު ބަޔަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހަށް މައްސަލަ ހުށަަހަޅައިފި އެވެ.

ފުލުހުން ތުހުމަތުކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ތިން މީހެކެވެ. އެއީ؛

- ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21

- ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37

- ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47

އޭގެ ފަހުން ޝަމްއާން ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވިތަނާ އެވެ. ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން ހައްޔަރުކުރީ މ. ހަޒާރީވިިލާ، އަހުމަދު ލައްސާން، 40، ކަމަށެވެ.

ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރުމުން އެ ނިންމުން އިސްތިއުނާފު ކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު