
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ ދެ ފަނޑިޔާރުން ވަކިކުރީ ރާއްޖޭގެ ޝަރުއީ ދާއިރާއިން ބޭރުގެ އިދާރާތަކުން ވެސް އެ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން އެ މައްސަލައިގައި ދިވެހި ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ކަންކަމަށް ރިއާޔަތްނުކޮށް މަހާޒާއި އަޒްމިރަލްދާ ވަކިނުކުރުމަށް ބޭރުގެ ދެ ޝަރުއީ އިދާރާއަކުން އެިދިފައިވެއެވެ.އެހެންނަމަވެސް، އެ ކަންބޮޑުވުންތައް އޮއްވައި މަޖިލީހުގެ 68 މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވެސް ވަކިކުރީ އެވެ.މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތިން ބޭފުޅުންނަކީ ރާއްޖޭގައި ތިއްބެވި އެންމެ ގާބިލް، އެންމެ އިންސާފުވެރި އަދި ތަޖުރިބާ ހުރި ފަނޑިޔާރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅުން ކޮޅެއް ކަމަށެވެ."މިއަދު މި ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރެވުނީ ސަރުކާރާ އެކު ޑީލް ނުހަދާ، އިންސާފާހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން،" އުމަރު ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި މި ވަނީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދިނުމަށްފަހު، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.މަޖިލީހުގެ ވޯޓަށްފަހު އަޒްމިރަލްދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރު ކަމުން އޭނާ ވަކިކުރެއްވުމަށް މަޖިލީހުގެ މެންބަރުން ވޯޓު ދެއްވިއިރު އޭނާ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެކަން މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.