
މި ސަރުކާރުން އަންނަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމަށް ފަހު، އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ތައްޔާރުވެފަ އެވެ.އުމަރު ވިދާޅުވީ ތިން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބެއް އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާ ވެސް ތާއިދުކުރައްވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިޚާބެއް ނޫން ކަމަށާއި އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިޚާބު ކަމަށް އުމަރު ވިދާޅުވި އެވެ. އެއީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް އޭނާ ވިދާޅުވި އެވެ.ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިޚާބު ކަމަށެވެ. އަނެއް ދެ އިންތިޚާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިހާބުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ."ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށްފަހު އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ،" އުމަރު ވިދާޅުވި އެވެ.މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.