ޚަބަރު
މީޑިއާ ބިލުގެ ބޭނުމަކީ ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުން: އުމަރު
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލުގެ ބޭނުމަކީ ސަރުކާރަށް އެކިގޮތްގޮތަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލުގެ ބޭނުމަކީ ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުން ކަމަށާއި، މިއީ އަބުރު ރައްކާތެރިކުރުމަށް ފާސްކުރި ބިލެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ތަންފީޒު ކުރަމުންދާ ގާނޫނުތަކުގެ ދަށުން ވެސް އަބުރު ހިމާޔަތްކުރެވޭ ކަމަށާއި، އޭގެ އެއް ހެއްކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިފަހުން ކުރެއްވި ދައުވާ ކަމަށެވެ.

އުމަރު ވަނީ ވެރިކަމުގެ ފަރާތުން ޤާނޫނަކަށް ބަދަލު ގެންނަނަމަ، އެކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅަމަތި ނުހިފާ، މަޝްވަރާކުރުމަކީ ދައުލަތުގެ ކަންކަމާ ހަވާލުވެ ތިއްބަވާ ބޭފުޅުން ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު ހިމެނޭ ގޮތަށް އަންނަނީ މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.ސަރުކާރުގެ މެންބަރުން އަންނަނީ، މީޑިއާ ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނަމުންނެވެ.

އެހެންނަމަވެސް، ބިލުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެފައެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު