ކޯޓު އަމުރަށް ތަބާވާން މީޑިއާތަކަށް އެމްއެމްބީސީން އަންގައިފި
ހުނައިދާ ޔާސިރު
11 މެއި 2026 - 12:37
0 comments
މީޑިއާ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ވާހަކަ ދައްކަވަނީ - ފޮޓޯ: މީޑިއާ ކޮމިޝަން
"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ އެއްގޮތަށް އަމަލު ކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މީޑިއާތަކަށް އަންގައިފި އެވެ. 
ކްރިމިނަލް ކޯޓުން މި ގެގް އޯޑަރު ނެރެނީ، ރައީސް މުއިއްޒު ގަޒުފުކުރި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ.ކްރިމިނަލް ކޯޓުން އަމުރުކުރަނީ:- މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
- ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް
- ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދައްކަން
- މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ މީޑިއާތަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ. އެ ކޮމިޝަނުން މީޑިއާތަކަށް ރޭ ފޮނުވި ސާކިއުލާއެއްގައި ބުނީ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުމުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގާ ކަމަށެވެ. މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި، މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ޝުއޫރު