ޚަބަރު
ސަރުކާރުގެ މަގާމުތަކުން 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފި: ތަރުޖަމާނު
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މިހާތަނަށް 205 ސިޔާސީ މުވައްޒަފުން މަޤާމުތަކުން ވަކިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މުންދު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް ވަކިކޮށްފައިވަނީ ހަތަރު މަގާމެއްގައި ތިއްބެވި ސިޔާސީ މުވައްޒަފުން ކަމަށެވެ. އެގޮތުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން ވަކިކުރާނެ ކަމަށެވެ.

ސިޔާސީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ ސީދާ އަދަދެއް މުހައްމަދު ހުސެން ޝަރީފް މިއަދު އާއްމެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ "ޕްރޮސެސް ނިމުމުން" އެ ތަފްސީލު ދެއްވާނެ ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އެހާތަނަށް ސަރުކާރުގައި 922 ސިޔާސީ މުވައްޒަފުން ތިއްބެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު