
އޭސީސީން ޖިނާއި މައްސަލަތަކެއް ތަހުގީގު ކުރާ ކަމަށް ބުނެ ދޮގު އިލްޒާމް އަޅުވައި މަހާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26ގަ އެވެ. އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ޖޭއެސްސީން ބަލައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެ ދެ ބޭފުޅުން މަގާމުން ވަކިކުރި އެވެ. އެ ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ ވެސް އޭރު ޖޭއެސްސީން ބެލި އެވެ. ނަމަވެސް ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ސުއޫދު ވަނީ އޭރު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލިގޮތަކަށް ވަކިކުރި މަހާޒާއި ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނިތާ، އަދި ދެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސް ފަހުން، ދެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް ފޮނުވީ މިއަދެވެ.އެކަމަށް އިޝާރާތްކުރައްވައި މަހާޒު 'ފޭސްބުކް'ގައި ލިޔުއްވި ކުރު ޕޯސްޓެއްގައި ވަނީ، މިއީ "އަނިޔާވެރިންގެ އަނިޔާއެއް" ގޮތަށް ސިފަކުރައްވައިފަ އެވެ"މިއީ އަނިޔާވެރިންގެ އަނިޔާއެވެ. އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތެވެ. ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚުވެއެވެ،" އެ ޕޯސްޓުގައިވެ އެވެ.ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ، އޭސީސީން އެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ކަމަށްވީނަމަވެސް މިހާތަނަށް އެއިން ފަނޑިޔާރަކާ އޭސީސީން ސުވާލެއް ކޮށްފައެއް ނެތެވެ.ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.