ޚަބަރު
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ސ.ހިތަދޫ ކޯޒީ ކޯނާ އަލީ އަންވަރު މުހައްމަދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނާ ޚިލާފު އަމަލެއް ގާޒީ ފާއިޒު ކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

ފާއިޒުގެ މި އަމަލަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އަދި ފަނޑީޔާރުންގެ ސުކޫލީ މިންގަނޑުގެ 1.1، 2.1 އަދި 3.1 ކަނޑައަޅާފައިވާ މިންގަނޑާއި ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

ގާޒީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމީ މި އަހަރުގެ 46 ވަނަ ޖަލްސާގައެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު