ޚަބަރު
ފަނޑިޔާރުންނަށް ފިޔަވަޅު އަޅަންވާނީ އުސޫލުގެ ތެރެއިން: ނޭޕާލުގެ ބާ އެސޯސިއޭޝަން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކި ކުރަން ކުރަމުންދާ މަސައްކަތްތައް މަޑުޖައްސައިލުމަށް އަވަށްޓެރި ނޭޕާލުގެ ބާ އެސޯސިއޭޝަނުން ވެސް ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެއީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފު މިދިޔަ ޑިސެންބަރު މަހު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

ޖޭއެސްސީން މި މައްސަލަ ބަލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮއްވައި، އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް، މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ. މި މައްސަލައިގައި ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރުން އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތެއް ނުދެއެވެ.

ކޮމިޓީން ބުނީ ޖޭއެސްސީން އެ މައްސަލަ ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

ނޭޕާލް ބާ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ އެއް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމަކީ ޑިމޮކްރަސީގެ ތަނބެއް ކަމަށާއި ފަނޑިޔާރުގެއަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވިގެން ނުވާނެ ކަމަށް ނޭޕާލް ބާ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ބާ ކައުންސިލުން މިކަމުގައި ނެރެފައިވާ ބަޔާނަށް އެ އެސޯސިއޭޝަނުން ވަނީ ފުރިހަމައަށް ތާއީދުކޮށްފަ އެވެ.

""ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަން،" ނޭޕާލުގެ ބާ އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި އދ. އާއި ކޮމަންވެލްތުގެ އިތުރުން، އެކި ގައުމުތަކުގެ ވަކީލުންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އޭގެ ތެރޭގައި ލޯ އޭޝިޔާއާއި އިންޑިއާގެ ބާ އެސޯސިއޭޝަން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު