އެނިމަލް ވެލްފެއާ މިނިސްޓަރު މާރިޔާ މިއަދު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" އަށް ބުޅާތައް ގެންދެވި ހިނގައިގަންނަން ފެށުމުން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ބުޅާ ފެސިލީޓީއަށް ދުވާލަކު ކިހާވަރެއް ހަރަދުވޭތޯ އާއި އެތަން އެއްކޮށް ފުރާލައި، ހިންގަން ފެށުމުން ކިހާވަރެއް ހަރަދުވާނެތޯ މިނިސްޓަރު މާރިޔާއާ ސުވާލުކުރައްވާފަ އެވެ.އެ ސުވާލުތަކާ ގުޅިގެން މާރިޔާ ވިދާޅުވީ އޮޅުހިޔާއަށް ބުޅާތަކެއް ގެންދިޔުމަކީ އަދި ހައްލެއް ނޫން ކަމަށާއި އެތަނަކީ އެތަކެއްޗަށް އޯގާތެރިކަމާ އެކު އަޅާލެވޭނޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. މާރިޔާ ވިދާޅުވީ މިވަގުތު އެތަނުގައި ބަލަހައްޓަމުން ދަނީ 30 ބުޅާ ކަމަށެވެ.
އަދި، ފެސިލިޓީއަށް ބުޅާތައް ގެނެސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން މަހަކު 368 ރުފިޔާ [ބުޅަލަކަށް] ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.މާރިޔާ ވިދާޅުވިގޮތުގައި، މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވިއިރު، އެ ތަން އޮތީ ރައްކާތެރިކަމާއެކު ބުޅާ ގެންގުޅެވޭނެ ހާލަތެއްގައެއް ނޫނެވެ. އެކަމަކު، އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ، މާލޭގެ މަގުތަކުގައި އުޅުނު 30 ބުޅަލެއް ވަނީ އޮޅުހިޔާ ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށެވެ. ފެސިލިޓީގެ ކަންކަން ފުރިހަމަ ވުމުން މާލޭ މަގުތަކުގައި އުޅޭ ހުރިހާ ބުޅަލެއް އެ ތަނަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.