
މި ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.މި ސެންޓަރަކީ ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރިއެރުވުމަށްޓަކައި ގާއިމުކުރެވުނު މުހިންމު މަރުކަޒެކެވެ.ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ފެސިލިޓީގެ ސަބަބުން ދިވެހިންނަށް ރާއްޖޭގެ އަތޮޅުތަކުގެ ގުދުރަތީ ވެށި (އީކޯސިސްޓަމް) އަދި ކަނޑުފަޅު ރައްކާތެރިކުރުމާ ގުޅޭ ދިރާސާތައް ކުރުމުގެ ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ކަނޑުގެ ދިރުންތަކާއި، ކަނޑުގެ ވަށައިގެންވާ މާހައުލާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދައި، އެ ތަކެތި ދެމެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ހައްލުތައް ހޯދުމަށް މަގުފަހިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.މިނިސްޓަރު ތޯރިގް ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުންތައް ދިރާސާކޮށް، އެތަންތަން ދެމެހެއްޓުމަށް ކުރެވެންހުރި މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މިފަދަ ދިރާސާތަކުގެ ނަތީޖާ އަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއަށް ކުރާ މަސައްކަތަށް ވަރަށް މުހިންމު މައުލޫމާތުކަމަށް ތޯރިގު ވިދާޅުވި އެވެ.މި މެރިން ރިސާޗް ސެންޓަރާއެކު ރާއްޖެއަކީ ކަނޑުގެ ދިރާސާތައް ކުރާ ބައިނަލްއަގުވާމީ މުހިންމު މަރުކަޒެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.އުއްޗުގެ ހިއްސާ އޮންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ރާއްޖޭގައި 11 ރިސޯޓު ހިންގާއިރު، މި ފަދަ އެކި ކަންކަމަށް މީގެ ކުރިން ވެސް އެހީވެފައިވެއެވެ.