ޚަބަރު
ޖަނަވާރުންނަށް އަނިޔާދޭ ނަމަ ހަރުކަށި އަދަބު ދޭނަން: މިނިސްޓްރީ
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ - ފޮޓޯ/ރައީސް އޮފީސް
ޖަނަވާރުންނަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުންނަށް ހަރުކަށި އަދަބުދޭނެކަމުގެ އިންޒާރު ދިރޭ ތަކެއްޗާ ބެހޭ މިނިސްޓްރީން ދީފި އެވެ.

މަގުމަތީ އުޅޭ ބުޅާތަކަށް ހާނިކަ ކުރުމާއި ގޯނާކުރުން ފަދަ ކަންކަން ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެކަމަކު މިފަދަ ކަންކަން ކުރާ މީހުންނަށް ގާނޫނުގައި ބުނާ ފިޔަވަޅު އަޅަމަކުން ނުދެ އެވެ. މާލޭގެ މަގުތައް މަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ފެސިލިޓީއެއް ހަދާފައިވިޔަސް، އެކަން ވެސް އެކަށީގެންވާ ގޮތެއްގައި ކުރެވެމަކުން ނުދެ އެވެ.

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް މިފަހުން އަނެއްކާވެސް ފެންމަތިވެ، ބުޅަލުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. 

މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން ތަސްދީގު ކޮށްފައިވާ "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން ޖަނަވާރުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ކަނޑައަޅާފައިވެ އެެވެ. އެއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ހައްގުތަކެއް ކަމަށް ބުންޏެެވެ. 

އެ ހައްގުތަކުގެ ތެރޭގައި ހިމެނެނީ: 

  • ހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން. 
  • ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން. 
  • ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
  • ވޭނާއި ހާނިކަ އާއި ބަލިން މިންޖުވުމުގެ މިނިވަންކަން.
  • އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
މިނިސްޓްރީން ބުނީ ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. 

އެ ގާނޫނުގައި ވަނީ ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ދޫކޮށްލާ ނަމަ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ވެސް ބަޔާންކޮށްފަ އެވެ. 

އޭގެ ތެރޭގައި ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާ ކަމެކެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. 

އެއާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ގާނޫނުގައިވެ އެވެ. އަދި 5،000ރ. އާއި 10،000ރ. ގެ ޖޫރިމަނާއެއް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށްވީ ހިނދު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަމަ އެއާ އެކު، ޖަނަވާރުންނަށް ރަހުމުކޮށް، އޯގާތެރިކަމާއި އަޅާލުމާއި އިންސާނިއްޔާތުކަމާއެކީ އަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއްކަން މިމިނިސްޓްރީން ފާހަގަކުރި އެވެ. 

އެހެންކަމުން، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުން ޒިންމާދާރުކަމާ އެކު އަމަލުކުރުމަށާއި މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އެ ތަނުން އިލްތިމާސްކުރި އެވެ.

"ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ހިއްސާ އޮތް އިޖުތިމާއީ ޒިންމާއެކެވެ. ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމާއި އެ ތަކެތީގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދު ވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު