ޔޫނުސް އިބްރާހިމް
02 ނޮވެމްބަރ 2026 - 15:40
0 comments
ޝަރުތުކޮށްފައިވިޔަސް ރަސްމާލެ ބޭރުގެ ބަޔަކަށް ނުދެވޭނެ ކަމަށާއި އެއީ މާލޭގެ ބައެއްގައި ވަކި ގައުމެއް އުފެއްދުން ކަހަލަ ބިރުވެރިކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.
ކިތަންމެ ބޮޑު ޝަރުތެއްކޮށްފައި ދިން ކަމުގައި ވިޔަސް، އެ ޝަރުތުތަކަށް އެފަދަ ނުފޫޒު ގަދަ ގައުމެއްގެ ބަޔަކު ކިޔަމަން ކުރުވުމަކީ ވާނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ދުނިޔޭގައި ކަން ހިނގާ ގޮތަށް ބަލާއިރު ސާފުވާ އެއް ކަމަކީ އެކަން އެގޮތަށް އެ މީހުން ނުކުރާނެކަން ޔާމީން ފާހަގަކުރެއްވި އެވެ."ސަލަފުގެ އިލުމުވެރިން އަޑުއައްސަވާ. މިވަަރުގެ ނުފޫޒުގަދަ ބައެއްކަން ސަލަަފުގެ އިލްމުވެރިންނަށް އެބަ އެނގިވަޑައިގަންނަވާ. އެ ޝަރުތުތައް ކަނޑައެޅި އިލްމުވެރިންނަށް މިވިދާޅުވަނީ އަޅުގަނޑު މިވާހަކަ އެނގޭތޯ. އެ ބޭފުޅުންނަށް ދުނިޔޭގައި ކަން ހިނގާ ގޮތް އެނގިވަޑައިގަންނަވަންވާނެ. އެވަރުގެ ދިރާސާއެއް ކުރައްވަންވާނެ ދިވެހި ރައްޔިތުންނަށް މިވަރުގެ ބޮޑު ތަކުލީފެއް އުފުލަން ޝަރުތުތަކާ އެކު ވިޔަސް މިކަން ހުއްދަކުރަން ވިދާޅުވާކަމުގައި ވަންޏާ. ދީނީ ރައުޔެއް ނޫން ތި ދެނީ. ތިއީ ދުނިޔަވީ ރައުޔެއް. ތިބޭފުޅުންގެ މައްޗަށް ތިހުރި އިމާމަކަށް ތިހުރި [ރައީސް މުހައްމަދު] މުއިއްޒު ބޭނުން ގޮތެއް ހަދައިދޭން،" ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީންރޭ ވިދާޅުވި އެވެ.އީގަލް ހިލްސްގެ މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ މަޝްރޫއު:
- އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދޭން ވަނީ ނިންމާފައި
- މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ
- އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
- އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ
- 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި
- އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ