ހުނައިދާ ޔާސިރު
01 ނޮވެމްބަރ 2026 - 23:33
0 comments
ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ޒަޔަނިސްޓުންނާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ޕްރޮޖެކްޓަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓެއް ނެގުމުގެ ކުރިން ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއި ނުކުރަން ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސް ކުރަން މިހާރު ކުރިއަށްގެންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ އެންމެންނަކީ ވެސް ކޮންމެވެސް އެހެން ތަނަކުން އައިސް މި ރާއްޖޭގައި ވަޒަންވެރިވި މީހުން ކަމަށެވެ. އަދި އެފަދަ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "މީގެ 300 އަހަރު ކުރީގައި އައި ތިން ނާ. އޭގެތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ. އަނެއް ނާ ދިޔައީ ދުވާފަރަށް. ދެން އިއްޒަތްތެރި ރައީސް ހޯރަފުށީ ދާއިރާގެ ރައީސް ތިއީ އެ ނާ އިން ވަޑައިގެންނެވި އެއް ބޭފުޅުން ތެރެއިން އެ އާއިލާގެ އެއް ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމަ އަޅުގަނޑު 100 އަހަރުވީމަ ވެގެން ގޮސްދާނެ ގޮތަކަށް އަޅުގަނޑަށް މި ވިސްނާލެވުނީ،" ނަޝީދު ވިދާޅުވި އެވެ. ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.
އެ ގަރާރުގައި ނުވަ ކަމަކަށް ސަރުކާރަށް ގޮވާލަން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ރަސްމާލެ މަޝްރޫއުއާ ގުޅޭ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލަން ހިމަނާފައިވެ އެވެ.
- ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިއަށް މަޝްރޫއު އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރަސްމާލެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް ކަމެއް ނުކުރުން.
- މަޝްރޫއުއާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުން ހިޔާރުކުރާ ގޮތަކަށް އަމަލުކުރުން.
- މަޝްރޫއާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީވުން
- އެމްޑީޕީގެ މަޖިލިސް މެންބަރުން މެދުވެރިކޮށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުން.
- އީގަލް ހިލްސްއާ އެކު އޮތް މުއާމަލާތުގެ ނުރައްކާތަކާ މެދު ޕާޓީ އިސްވެ އޮވެ ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރާވައި ހިންގުން.
- އެ ކަންކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ޕާޓީ އިސްވެ އޮވެ ސީދާ ހަރަކާތަށް ނުކުތުން.
- އެމްޑީޕީން ހިންގާ ހަރަކާތްތަކާ ގުޅުމަށް އެދޭ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މަސައްކަތްކުރުން.
ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއަށް ތާއީދުކުރައްވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްރޫއާ ދެކޮޅެވެ.ރަސްމާލެ ވޯޓާ ފްރަންޓު އެންޑް މެރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ސޮއިކޮށްފައި އޮތީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހާ ދިމާކޮށް ސޮއިކުރުމަކީ އުއްމީދެއް ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވަނީ ވިދާޅުވެފަ އެވެ.އީގަލް ހިލްސްގެ މަޝްރޫއު:
- އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި
- މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ
- އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
- އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ
- މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި
- އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ