ޚަބަރު
ރަސްމާލެ ޕްރޮޖެކްޓަށް އާންމުންގެ ހިޔާލު ހޯދަން އެމްޑީޕީ އިން ފާސްކޮށްފި
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެންބަރުން ވޯޓުދެނީ - ފޮޓޯ: ސަން
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބަލަން އާންމު ވޯޓަކަށް ދިޔުމަށާއި އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ސީދާ ހަރަކާތަށް ނުކުންނަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު މިރޭ ފާސްކޮށްފި އެވެ.

މި ގޮތަށް ފާސްކުރީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ހުށަހެޅި ޚާއްސަ ގަރާރަކުންނެވެ.

މި ގަރާރަކީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި ގަރާރެކެވެ.

މި ގަރާރު ފާސްކުރުމަށް ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ.

މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެކަންޏެވެ.

ގަރާރުގެ ބަހުސްގައި ވާހަކަދެއްކެވި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ސީދާ ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މީގެ އިތުރުން މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަންވާނީ މިކަމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފަހު ނޫނީ ނޫން ކަމަށް ވެސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އެ ގަރާރުގައިވާ ގޮތުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް އެއްވެސް އެކުއިސިޝަން ކޮސްޓަކާ އަދި ކުއްޔަކާ ނުލައި ދިނުމަށް ވެފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި، މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ގޮވާލައިފައެވެ. އަދި އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގެއް އެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.

ރަސްމާލެ ވޯޓާ ފްރަންޓު އެންޑް މެރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ސޮއިކޮށްފައި އޮތީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހާ ދިމާކޮށް ސޮއިކުރުމަކީ އުއްމީދެއް ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވަނީ ވިދާޅުވެފަ އެވެ.

އީގަލް ހިލްސްގެ މަޝްރޫއު:

  • އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި

  • މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ

  • އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

  • އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ

  • މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި

  • އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު