އިސްމާއިލް ރިޒާ
01 ނޮވެމްބަރ 2026 - 13:39
0 comments
އެމްޑީޕީގެ ފަހުގެ މިސްރާބާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ފަދަ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ޕާޓީގެ ތެރެއިން ފެންނަނީ ހައްދުފަހަނައަޅާފައިވާ ގައުމިއްޔަތުގެ ޝިއާރުތަކެއް ކަމަށް އެ ޕާޓީ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެއް އިރެެއްގައި އެމްޑީޕީ އަކީ ހުޅުވާލުމުގެ ސިޔާސަތާއި ތަފާތުފިކުރުތަކުގެ މީހުންނާ އެކު ސުލްހަވެރިކަމުގައި އުޅުމާއި ޑިމޮކްރެޓިކް ރިފޯމްގެ ޗެމްޕިއަނުން ކަމަށާއި އެ ޕާޓީއަށް އެންމެ ފުރަތަމަ ތާއީދުކުރި މީހުން ތާއީދުކުރީ އެ އުސޫލުތަކަށް ކަމަށެވެ.
"މިހާރު މި ފެންނަނީ ބޭރުމީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށީ ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ވުރެ ބޮޑަށް ބަލައިގަންނަމުންދާ ތަން. މިއީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ޕާޓީގެ އެތެރޭގައި ތިއްބެވި ގިނަ ބަޔަކަށް ގަބޫލުކުރެވިފައި ވަނީ އިންތިހާބުގެ ކާމިޔާބީ ހޯދެނީ އާންމުންގެ ޖަޒުބާތުގެ ބޭނުންކޮށްގެން ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެންނާއި ބައިބައިވުން އުފައްދައިގެން ކަމަށެވެ.ނަމަވެސް، މިފަދަ އުކުޅެއްގެ ސަބަބުން، ތާރީހި ގޮތުން އެމްޑީޕީ ދަމަހައްޓައިދިން މައިގަނޑު ސަޕޯޓަރުންގެ ތާއީދު ގެއްލިގެންދިއުމުގެ ނުރައްކާ އެބައޮތް ކަމަށް ވިދާޅުވި އެވެ."އެއީ ތަފާތު ސަގާފަތްތަކަށް ހުޅުވާލެވިފައިވާ، ދީލަތި އަދި ތަހުޒީބީ ވިސްނުމުގެ މީހުންނެވެ. ކުރިއަށް އޮތް ކުރު މުއްދަތުގެ ސިޔާސީ ފައިދާއަށްޓަކައި ޕާޓީގެ މައިގަނޑު އަސާސްތަކަށް ބާކީކޮށްލުމަކީ ހަމައެކަނި ނުބައި މިސްރާބެއް ނޫނެވެ،" ނަޝީދު ވިދާޅުވި އެވެ.
ވަކި ކަމެއްގެ ނަން ވިދާޅު ނުވި ނަމަވެސް އެ މަނިކުފާނު އިޝާރާތްކުރެއްވީ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަކާ ހަވާލުކުރަން އުޅޭތީ އެކަަމާ ދެކޮޅު ހަދާ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ކަމަށް ބެލެވެ އެވެ. އެ މަޝްރޫއުއާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ.