ޚަބަރު
ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ކުރުވާހަކަ، "80ގެ ކުރީކޮޅު" ފޮތް ނެރެފި އެވެ. 

އެ ފޮތް ނެރެދެއްވީ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގައި ބޭއްވި ހަފުލާއެއްގައި ނަޝީދުގެ ބޮޑުދައިތާފުޅު ޒުހައިރާ ޢުމަރެވެ.

އެ ހަފުލާގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވިޮ ނަޝީދު ވިދާޅުވީ ފޮތުގައި ހިމެނޭ ވާހަކަތައް އެމަނިކުފާނު ލިޔުއްވީ 1980ގެ ފަހުކޮޅާއި 90ގެ ކުރީކޮޅު ކަމަށެވެ.

"އަޅުގަނޑު މި ވާހަކަތައް ލިޔުނީ ނަވާރަ ސަތޭކަ ނުވަދިހަ ހަތަރެއްގައި އަޅުގަނޑު ޖަލުން ގެއަށް ގެނެސް ގޭ ބަންދަށް ބަދަލުކުރިތަނާ،" ނަޝީދު ވިދާޅުވި އެވެ. "އެހެންވީމާ ހަމަ ކަށަވަރުން ވެސް ރައީސް ނަޝީދެއް މިއަކު ނޫޅޭ."

ރޭ ނަޝީދު ހާމަކުރެއްވި ގޮތުގައި 1989 އިން ފެށިގެން 2008 އާ ހަމައަށް އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔެފައިވާނެ އެވެ. އިނގިރޭސި ބަހުން ލިޔެފައިވާ އެ ފޮތް މިހާރު އޮތީ ޕަބްލިޝަރަކަށް ފޮނުވާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދުއަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އެމަނިކުފާނު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ނޫސްވެރިކަން ކުރައްވައި ފޮތް ލިޔުއްވި އެވެ.

ސިޔާސީ މަސައްކަތުގައި އުޅުއްވަމުން ވެސް ފޮތް ލިޔުއްވި އެވެ. އޭގެ ތެރޭގައި "އެއްބަސްވެވޭ އިންގިލާބު"، "ދެ ރަދުން"، "ކިއްލާ މާލެ" އަދި "ދަގަނޑު ދަހަނާ" ފަދަ ފޮތްތައް ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު