ޚަބަރު
މޯލްޑިވިއަންއިން "ކިންގް އެއާ 360" ގެ މަރުކާގެ ބޯޓެއް ގެނެސްފި
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރާ "ލަގްޒަރީ" ދަތުރުތަކަށް ހާއްސަކޮށްގެން "ކިންގް އެއާ 360" ގެ މަރުކާޒގެ މަތިންދާބޯޓެއް މިއަދު ގެނެސްފި އެވެ. 

މި ބޯޓަކީ "ނިލާ ކޮރަލްސް" އާ ގުޅިގެން މޯލްޑިވިއަނުން ފަށާ ލަގްޒަރީ އުދުހުންތަކަށް ގެނައި ބޯޓެކެވެ.

މި ބޯޓު ރާއްޖެ އައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ އެންމެ މުހިންމު ބަހާއަކީ ފަތުރުވެރިކަން ކަމަށާއި، ފަތުރުވެރިކަން ފުޅާވަމުން އަންނައިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިން އުފުލުމުގައި އެންމެ ބުރަ މަސައްކަތެއް ކުރަމުން ދަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

އެގޮތުން އަލަށް ތައާރަފުކުރި މި މަތިންދާބޯޓަކީ ކަނެކްޓިވިޓީ ހޯދަން އެދޭ ފަރާތްތަކަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށާއި، ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ދަތުރުކުރުމުގައި މި ޕްރޮޑަކްޓް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ގައުމީ އެއާލައިނުން، ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ އިތުރަށް ރާއްޖެ އަަށް ހުރިހާ އެއާލައިންތަކަކުން އަންނަ ޓޫރިސްޓުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް މިދަނީ ރެއާއި ދުވާލު މިތިބަ މުވައްޒަފުން ކެނޑިނޭޅި ކެޕްޓަނުން، އިންޖިނޭރުން، ގްރައުންޑް އޮޕަރޭޝަންގައި މި ހުރިހާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން ދެމުން،" އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވި ގޮތުގައި އެ ހުރިހާ މުވައްޒަފުންގެ ކައިރިން އެދެމުން ދަނީ ސީޕްލޭންގެ ހިދުމަތް ނުދެވޭ އަދި ލަގްޒަރީ ހިދުމަތް ތައާރަފު ކުރުމަށެވެ. އެ ޑިމާންޑް އަބަދުވެސް އޮންނަ ކަމަށް ވިދާޅުވި އެވެ. 

"އެހެންވީމާ ފަހަތުން މި ފެންނަ ގުރޫޕާ އެކުގައި އެ ޑިމާންޑް އިރާދަކުރެއްވިއްޔާ މި ތައާރަފު ވެގެންދާ އާ މަތިންދާބޯޓުގެ ހިދުމަތް ވެގެންދާނީ މިހެން ކަނެކްޓިވިޓީ ހޯދުމަށް ރިކުއެސްޓް ކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު ހިދުމަތަކަށް،" ސަލީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު