ޚަބަރު
ރަސްމާލެ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް: ޝާހިދު
ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލަން ރާވާފައިވާ ވިސްނުން ދޫކޮށްލައި، އެ ޕްރޮޖެކްޓު ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ. 

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ފުށިދިއްގަރު ފަޅުގެ މުޅި މަޝްރޫއަކީ އޮޅުވާލުމެއް ކަމަށެވެ. އެގޮތުން އެތަނުގެ ނަމުން ފެށިގެން ގޮސް އެ މަޝްރޫއާ ގުޅުންހުރި ހުރިހާ ކަމެއްގައި ވެސް މި ސަރުކާރުން ދަނީ އޮޅުވާލަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފުށިދިއްގަރުފަޅުގެ މުޅި މަޝްރޫއަކީ އޮޅުވާލުމެއް. ފުރަތަމަ ފުށިދިއްގަރުފަޅު، އެތަނުގެ ނަން ވެސް އޮޅުވާލީ. އެތަނަށް ފައިސާ ހަރަދުކުރަމުންދިޔަ ގޮތް ވެސް އޮޅުވާލައި އޮތީ. ބަޖެޓު ފާސްކުރިއިރު ބަޖެޓުގައި ނެތް ހަރަދުތަކެއް އޮޅުވާލުމުގެ ތެރޭގައި ހަރަދު ކުރަމުން ގޮސް 800 މިލިއަން ޑޮލަރާ ހަމައަށް ރައްޔިތުންގެ ފައިސާ އެ ހުރީ އެތަނަށް އަޅާފައި،"ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ގޮވާލެއްވީ، ރަސްމާލޭ މަޝްރޫއު ވަގުތުން ހުއްޓާލުމަށެވެ. 

އީގަލް ހިލްސްގެ މަޝްރޫއު:

  • އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި

  • މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ

  • އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

  • އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ

  • މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި

  • އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ 
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.

އެ ގަރާރުގައި ނުވަ ކަމަކަށް ސަރުކާރަށް ގޮވާލަން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ރަސްމާލެ މަޝްރޫއުއާ ގުޅޭ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލަން ހިމަނާފައިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު