ހުނައިދާ ޔާސިރު
29 އޮކްޓޫބަރ 2026 - 10:40
0 comments
އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ދާއިމީ ކޮމިޓީއަކަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އިން ގެނެސްދޭ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އެ މަޝްރޫއާ ގުޅޭ ކަންތައް ކުރިއަށް ގެންދާނީ ހާމަކަން ބޮޑުކޮށް ކަމަށާއި އެތަނުގައި ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަނުކުރާ އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ.ރިއަލް އެސްޓޭޓު ޓޫރިޒަމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށާއި އެ ބިލު ވެސް ރައްޔިތުންނަށް ފެންނަހެން އާންމުކޮށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް މަޖިލީހުން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ."އެގްރިމެންޓު ހެދިގެންދާއިރު އެ އެގްރިމެންޓު ވެސް، ފުލް އެގްރިމެންޓު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނަން. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދާއިމީ ކޮމެޓީއެއްގައި ބެލުމަށް ފޮނުވާނަން އެގްރިމެންޓު ވެސް،" އެ މަނިކުފާނު ވިދާޅުވި އެވެ."އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޒިންމާދާރު ގޮތުގައި ހިންގާ ސަރުކާރެއްގެ ގޮތުގައި މިއަށް ވުރެ ފުރިހަމަކޮށް މިކަމެއް ނުކުރެވޭނެ. ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި މަންދޫބުން ތިބި މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް. އެހެންވީމާ ރައްޔިތުންނަށް އެ އޮތީ އެގްރިމެންޓު ފޮނުވިފައި."ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ކުރާ މި އިންވެސްޓުމެންޓާ މެދު އެއްވެސް ވަރަކަށް ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ރިސޯޓު ހިންގަން ރާއްޖޭގެ ރަށްރަށަށް މިހާރު ވެސް ދީފައި ހުރީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން، އެއްބަސްވުން އޮންނަ ގޮތުން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެތަނަށް ކޮށްފައި އޮތް ހަރަދު ދީ އެތަނެއް ދައުލަތަށް ނެނގޭނެ ކަމަށާއި ނުވަތަ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް އޮންނަ ކަމަށެވެ. ރަސްމާލެ މަޝްރޫއު ވެސް ހިންގަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިި އެވެ.
ރައީސް އެފަދައިން ވިދާޅުވީ ރަސްމާލޭން ހިއްކައިފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދޫކުރަނީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، އެ ތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ފުރުސަތު އެބައޮތް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ. ހަމައެއާއެކު ބޯހިޔާވަހިކަމަށް މީހުން އެދިއެދި ތިއްބައި ބޭރުގެ ބަޔަކު އާބާދުކުރުމަށް ރާއްޖޭން ބިން ދިނުމަކީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެއީ އެ މީހުންގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި އަލީ ވަނީ މީގެ ކުރިން ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާއެކު އެ ނިންމެވުން މުރާޖާކޮށްދިނުމަށް އެ ކޯޓަށް އަލުން މިހާރު ވަނީ ހުށަހަޅައިފަ އެވެ.މި މައްސަލައާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ކުއްލި މައްސަލައާއި ގަރާރު ވެސް މިކަމުގައި ހުށަހަޅައިފައެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަތައް ވަނީ ބޭރުކޮށްފަ އެވެ.