ޚަބަރު
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އެހެންކަމުން މި ވަގުތުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުން އެ ދެ ބޭފުޅުން ވަނީ ވަކިވެފަ އެވެ.

ޖޭއެސްސީން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ ގޯސްކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީއަށް ލަފާ ދެއްވާފައި ވަނިކޮށް، އެ ލަފައަށް ބެލުމެއް ނެތި އެވެ. 

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގުގައި އިންކާރުކުރައްވާފަ އެވެ. އަދި ޖޭއެސްސީ އާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް ދެ ފަނޑިޔާރުންވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުން ބޭނުން ނުވެގެން ކޮމިޓީއަށް ހާޒިރުވާން ދެ ފަނޑިޔާރުންނަށް ފުރުސަތެއް ނުދެ އެވެ.

ޖޭއެސްސީ އިން ގެންދަނީ މަހާޒް އާއި އަޒްމިރަލްދާއާ ގުޅޭ ސުލޫކީ އިތުރު މައްސަލައެއްވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރު ކުރި ދުވަހެއްގައި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހެއްގައި މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ. 

ޖޭއެސްސީން އެ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އަޒްމިރާލްދާ އާއި މަހާޒް ވެސް ވިދާޅުވެފައިވަނީ މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ހުއްޓިފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އެ މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ލޯ އޭޝިއާ)އާއި ނޭޕާލުގެ ބާ އެސޯސިއޭޝަނުން އަދި އދ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. ބޭރުގެ އެސޯސިއޭޝަންތަކުން ވަނީ، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިނުކުރަން ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު