ޚަބަރު
ނުފޫޒެއްގައި ނުޖެހި މަސައްކަތް ކުރެވުނީތީ އުފާކުރަން: މަހާޒް
ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރައްވާ ކަމަށާއި ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް ކަމަށް, އެ ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު މަޖިލީހުން ވަކިކުރި, މަޙާޒު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އެހެންކަމުން މި ވަގުތުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުން އެ ދެ ބޭފުޅުން ވަނީ ވަކިވެފަ އެވެ.

މަހާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި އެ މުއްދަތުގައި އެ ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

"އެއްވެސް ނުފޫޒަކަށް ބޯނުލަނބައި، މި ހިސާބަށް އާދެވުމުން އުފާކުރަން،" މަހާޒްގެ ޓްވީޓްގައިވެ އެވެ.

ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި އަދި ގާނޫނާ ހިލާފަށް ކުރަމުންދިޔަ ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކި އަދި ހިތްވަރު ދެއްވި އާންމުންނާއި ވަކިވަކި ޖަމްއިއްޔާތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ. އޭނާ އޭގެކުރިން 2012 އިން ފެށިގެން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ. ސުޕްރީމް ކޯޓުގައި ފާހަގަކޮށްލެވޭ ބޮޑެތި އެތައް މައްސަލައެއް އޭނާ ނިންމެވި އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ.

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު އދ. އާއި ކޮމަންވެލްތުގެ އިތުރުން ބޭރުގެ ބައެއް ޖަމާއަތްތަކާއި ބާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު