ޚަބަރު
މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާއި ފޮރިން މިނިސްޓަރު ހަލީލް ބައްދަލުކުރައްވައިފި
ތިމާވެށީގެ ދާއިރާއިން ރާއކެއާއި މޯލްޓާ ގުޅިގެން ދެ ގައުމުން މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު ޑރ. އިއަން ބޯގްއާ މަޝްވަރާ ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ދެ މިނިސްޓަރުން ވެސް ވަނީ ރާއްޖެ އާއި މޯލްޓާއަކީ އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމުކަން ފާހަގަކުރައްވައިފަ އެވެ.

ހަލީލްގެ ދަތުރުފުޅަކީ ދެ ގައުމުގެ އޮތް ގުޅުން އިތުރަށް ބަދަހިކުރަން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.

އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާއި މޯލްޓާއިން އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައާއި ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތަޢުލީމު ދާއިރާގެ ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވައިލައްވައިފައިވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓަރު މިހާރު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މޯލްޓާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މުހިންމު މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވިދާނެ އައު ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، ދިރާސާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓރީއިން ވަނީ ބުނެފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލާއެކު މިނިސްޓްރީގެ ސެކެޓްރީ، ޑރ. ހާލާ ޙަމީދު އަދި ސީނިއާ އަންޑާ ސެކެޓްރީ، ޙަސަން ޙުސައިން ޝިހާބު ބައިވެރިވެފައިވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު