ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ހަސަން ހަލީމް
16 އޭޕްރީލް 2025 - 11:20
0 comments
ރާއްޖެއަށް އެމެރިކާއަށް ކަނޑައެޅި ސަފީރު މަގާމުގެ ހުވާ ކުރައްވަނީ
ހަރަދު ކުޑަ ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ހުޅުވި އެމެރިކާގެ އެމްބަސީއާއެކު އިތުރު 27 ތަނެއް ބަންދު ކުރުމުގެ މަސައްކަތް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަށައިފި އެވެ.
ރޮއިޓާސް އިން ބުނީ އެ އެޖެންސީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޮކްޓޫބަރު 1، 2026 ގައި ފަށާ މާލީ އަހަރު ސްޓޭޓް ޑިޕާޓްމަންޓުގެ ބަޖެޓުން 30 ބިލިއަން ޑޮލަރު ކުޑަކުރަން ބޭނުންވާ ކަމަށް ބުނެ ވައިޓް ހައުސްގެ ބަޖެޓް އޮފީސް، ދަ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް (އޯއެމްބީ) އިން ވަނީ ޖަވާބު ދީފަ އެވެ.އެމެރިކާއާއެކު 1966 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ފަހުން، ރާއްޖެއަށް ހާއްސަ އެމްބަސަޑަރެއް ހަމަޖެއްސީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު، 2023، ގަ އެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޮން އެވެ.އެމެރިކާގެ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެކަމަކު، އެމްބަސީއަށް ހާއްސަ ބިމެއް ހަމަ ހުޅުމާލެއިން ވަނީ ހަމަޖައްސައިދީފަ އެވެ. އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.ހުޅުމާލޭގެ އިމާރާތަކުން ތަނެއް ކުއްޔަށް ހިފައިގެން މިހާރު ހިންގަމުންދާ އެމެރިކާ އެމްބަސީއަށް ހުޅުމާލެއިން މިހާރު ބިމެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާއިން ރާއްޖޭގެ ކަންކަން ވެސް ބަލަހައްޓަމުން ދިޔައީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި ފަހުން އެމެރިކަން ސެންޓަރު ހަދައި އެތަނުން ވެސް ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ.ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އިތުރުން ދެން ބަންދުކުރުމަށް ވިސްނަމުންދާ ނުވަ އެމްބަސީއަކީ އެރިޓްރިއާ، ގްރެނާޑާ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލަގްޒެމްބާގް، ރިޕަބްލިކް އޮފް ދަ ކޮންގޯ، ގެމްބިއާ، ސައުތު ސޫދާން އަދި މޯލްޓާގައި ހުންނަ އެމްބަސީ ކަމަށް ރޮއިޓާސް ލިބިފައިވާ ލިޔުމަކުން އެނގޭ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.ބަންދުކުރަން ލަފާދިން 17 ކޮންސިއުލޭޓްގެ ތެރެއިން ގިނަ ކޮންސިއުލޭޓްތައް ހުންނަނީ ޔޫރަޕްގަ އެވެ. ބަންދުކުރަން ހުށަހަޅާފައިވާ ހަތަރު މިޝަންއަކީ ދެކުނު ކޮރެއާގެ ބުސާން، ދެކުނު އެފްރިކާގެ ޑާބަން، އިންޑޮނީޝިއާގެ މެޑަން އަދި ކެމަރޫންގެ ޑޫއާލާގައި ހުންނަ އެމެރިކާގެ މިޝަން އެވެ.އެހެން ބައެއް ގައުމުތަކުގެ މިޝަންތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މަސައްކަތުގެ ދާއިރާ ހަނިކުރަން ވެސް ލަފާ ދީފައިވެ އެވެ.އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ މި ނިންމުން ރިވިއުކުރުމަށް އެދެވިދާނެ ކަމަށާއި ނަމަވެސް ރުހުން ހޯދަން ކޮންގްރެސްއަށް ހުށަހެޅުމުގެ ކުރިން ފައިނަލް ވާޝަން ބަދަލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބައެއް ފައިސާ އަނބުރާ ލިބޭނެ ކަމުގެ "ފުރުސަތު ބޮޑު" ކަމަށް ވެސް ބުނެފައިވެ އެވެ.ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އެންމެ މަދުވެގެން ވެސް 27 މިޝަނެއް ބަންދުކުރަން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އެފްރިކާ އާއި ޔޫރަޕްގެ މިޝަންތައް ކަމަށް، ސްޓޭޓް ޑިޕާޓްމަންޓުތަކުގެ އެހެން ލިޔުންތަކަކުން ވަނީ ހާމަވެފައި ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ. މީގެ ތެރެއިން 10 މިޝަން އަކީ އެމްބަސީތަކެވެ. ދެން ހުރީ ކޮންސިއުލޭޓްތަކެވެ.ރޮއިޓާސް އިން ބުނީ މިކަމާ ބެހޭ ގޮތުން އޯއެމްބީގެ ބަހެއް ނުލިބުނު ކަމަށެވެ.ބަންދުކުރާ ގިނަ ކޮންސިއުލޭޓްތަކަކީ އެމެރިކާ މީހުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ސިޓީތަކުގައި ހުންނަ ތަންތަނެވެ. މީގެ އިތުރަށް ސޮމާލިއާ އާއި އިރާގުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ހަރަކާތްތައް ވެސް ކުޑަކުރުމަށް ވަނީ ރާވައިފަ އެވެ. އެމެރިކާއިން ވަނީ އެ ގައުމުން ދުނިޔޭގެ އެކި ގައުމުތަކަށް އެހީދޭ އެޖެންސީ، ޔޫއެސްއެއިޑް ވެސް ވަރަށް ބޮޑަށް ކުޑަކޮށްލައި އެ ގައުމުގެ އެހީތައް ވެސް ދުނިޔެއަށް ކަނޑާލައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު