ޚަބަރު
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
ތުރުކީގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.

ތުރުކީގެ ވެރިރަށް، އަންކާރާގައި އަލަށް ގާއިމްކުރި އެމްބަސީ ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ތުރުކީގެ މިނިސްޓަ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތު ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގަތް ދިދަ ނެގުމަށް ރަސްމިއްޔާތަކަށްފަހުގަ އެވެ.

އެމްބަސީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެތަނުގައި ރާއްޖޭގެ ދިދަ ވެސް ނަގާފައިވެ އެވެ. 

އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި އިގުތިސާދީ ކުރިއެރުމާއި ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ބޮޑު ކަމަށެވެ.

ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެމްބަސީއެއްގެ މުހިންމުކަން ހަލީލް ފާހަގަކުރެއްވި އެވެ.

ތުރުކީގެ މިނިސްޓަރު ވިދާޅުވީ ދެ ގައުމު، ޓޫރިޒަމާއި ސަގާފަތާއި އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްގީވެފައިވާކަމަށެވެ.

ރާއްޖެ އާއި ތުރުކީން ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 46 އަހަރު ކުރިން މެއި 28، 1979 ގަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު