ޚަބަރު
ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރުބައިގައި، ހެންވޭރު ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް ތާރު އަޅަން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރޯމަސް މާރުކޭޓް ހިންގާ އިމާރާތާ ހަމައަށް އޮންނަ ސަރަހައްދު ހެދުމަށެވެ. 

އެމްޓީސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 144.5 މިލިއަން ރުފިޔާއަށް 455 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

އޭގެއިތުރުން، މި މަޝްރޫއުގެ ދަށުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ޑްރެއިނޭޖް ސާވިސް ލައިން އެޅުމާއި މަގު ބައްތިއާއި ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.

މާލޭގެ މަގުތައް ޗައިނާ ސަރުކާރުން ވަނީ ހިލޭ އެހީގައި ހަދައިދޭން ނިންމާފަ އެވެ. އަދި މިހާރު ކުރަމުންދަނީ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެވެ. ނަމަވެސް މާލޭގައި ހުންނަ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓް ހިންގާ އިމާރާތާ ހަމައަށް އޮންނަ މަގުގެ ބައި ހެދުން ޗައިނާ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު