ޚަބަރު
ޝަމްއާން ވަކިކުރީ އޭނާ އަތުގައި އިހުސާންގެ ވީޑިއޯއެއް އޮތްކަން އެނގިގެން: ޝަމްއާންގެ އާއިލާ
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ވަކިކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ވީޑިއޯއެއް، ޝަމްއާންގެ އަތުގައި އޮތްކަމުގެ މައުލޫމާތު ލިބިގެން ކަމަށް ޝަމްއާންގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.

ޝަމްއާންގެ އާއިލާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަމްއާން ހައްޔަރު ކުރީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނާ ހިއްސާ ކުރާނެ ކަމުގެ ބިރަށް އެ މައްސަލަތަކަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ.

"ޝަމްއާން ވަޒީފާއިން ދުރުކޮށް ޝަމްއާން ބަންދުކުރެވޭނެ ގޮތެއް ހޯދަން މިނިސްޓަރު އިހުސާން މަސައްކަތްކުރަން ފެށި އިތުރު ސަބަބަކީ ޝަމްއާންގެ އަތުގައި މިނިސްޓަރު އިހުސާންގެ "ވީޑިއޯއެއް" އޮތްކަމުގެ މަޢުލޫމާތު މިނިސްޓަރު އިޙުސާންއަށް އެކިގޮތްގޮތުން ލިބުނު ހިސާބުން ކަމަށް މައުލޫމާތު ލިބިފައިވޭ،" ޝަމްއާންގެ އާއިލާއިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކި ކުރީ އިހުސާންއާ ގާތް ގުޅުމެއް އޮންނަ ބިދޭސީއެއް ހައްޔަރު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި ކަމަށް ވެސް ޝަމްއާންގެ އާއިލާއިން ބުންޏެވެ. އެ ބިދޭސީ މީހާއަކީ ހޯމް މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންގެ މުއާމަލާތްތަކުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ވެސް ޝަމްއާންގެ އާއިލާއިން ތުހުމަތު ކޮށްފައިވެ އެވެ.

ބަޔާނުގައިވާ ގޮތުން، އެ ބިދޭސީމީހާގެ ފޯނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަކި ފުލުހަކާ ހަވާލުކުރުމަށް އޮތީ އަންގައިފައެވެ. އެހެން ނަމަވެސް އެ ކަން އެ ގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެ ކަން ކުރުމަށް ދެންނެވުމުންކަން ޝަމްއާން ބުނުމުން، އަޑުގަދަކޮށް ހަޅޭއްލެވުމަށްފަހު އިހުސާން ފޯން ބޭއްވީ ކަމަށް ބަޔާނުގައިވެއެވެ.

އެ ބިދޭސީ މީހާއަކީ އިހުސާނާ ގުޅުން އޮތުމުގެ އިތުރުން، މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންތަކެއްގައި ބައިވެރިވެފައިވާ މީހެއް ކަމަށް ޝަމްއާނަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ޝަމްއާންގެ އާއިލާއިން ބުނީ އެ ހާދިސާއަށް ފަހު ވެސް އިހުސާންގެ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން އިމިގްރޭޝަންގެ އިދާރީ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް އިމިގްރޭޝަންގެ ޕްރޮކިއުމަންޓުގެ ޕްރޮސެސް ބޭނުންކުރުމަށް އިހުސާން މަސައްކަތް ކުރެއްވުމާއި މިނިސްޓަރުގެ ސެކްރެޓަރީ މެދުވެރިކޮށް އިމިގްރޭޝަންގެ ބަޖެޓު ސެކްޝަންގެ އިސްވެރިންނަަށް ގުޅައި ގާނޫނާ ހިލާފު ކަންކަން ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު