ރ. ދުވާފަރުގައި 100އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފި
ހަސަން ހަލީމް
24 އޭޕްރީލް 2025 - 16:04
0 comments
ދުވާފަރުގައި އިއްޔެ ހިންގި އޮޕަރޭޝަނުގައި ބިދޭސީންތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ
ރ. ދުވާފަރުގައި 100އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 51 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ދުވާފަރުގައި އިއްޔެ އިމިގްރޭޝަންގެ ޓާސްކް ފޯހުން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ހެނދުނުން ފެށިގެން ހަވީރާ ހަމައަށް އެރަށުގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 51 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ހޯމް މިނިސްޓްރީން "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އޮޕަރޭޝަނެއް ފެށިއެވެ.ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ބިދޭސީން ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު