ޚަބަރު
އަންހެން މީހާ ވެއްޓުން: އިއްޔެ ހައްޔަރުކުރި ރައުދު ބަންދަށް ފަސް ދުވަސް ޖަހައިފި
މާލޭގެ ގެއެއް ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ތުހުމަތުތައް އިއްޔެ ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް 5 ދުވަސް ކޯޓުން ޖަހައިފި އެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.

ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.

ފުލުހުން ކުރިން ބުނީ މި މައްސަލާގައި ހިމެނޭ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ކެނެބިސްއަށް ޕޮޒިޓްވެފައިވާކަމަށެވެ. އަދި އޭނާ އަންހެން ކުއްޖާއާއި އެކު ބަދު އަހްލާގީ އަމަލުތައް ހިންގަމުން ދާތަން ފެނިފައިވާކަމަށެވެ. 

މީގެއިތުރުން އަންހެން ކުއްޖާ އަށް ވީނުވީއެއް ނޭނގުމުން އެކަން ރިޕޯޓް ނުކޮށް ގޮސްފައިވާކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން  ވިދާޅުވީ މައްސަލައިގައި ރިވިއު ޓީމުން ކުރާ މަސައްކަތަށް ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު