އަންހެން މީހާ ވެއްޓުން: ހަތް މީހުން ފުރުން މަނާކޮށް ގުޅުން ހުރި ތަންތަން ފާސްކުރަން ފަށައިފި
އަލީ ރާޒީ
24 އޭޕްރީލް 2025 - 12:36
0 comments
ވެއްޓިފައި އޮއްވައި ފެނުނު ޒުވާނާއާ އެކު އެ ރޭ އުޅުނު ބައެއް މީހުން
ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާގެ ހާދިސާގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އެ މައްސަލާގައި ހިމެނޭ އަންހެން މީހާ އާއި އޭނާއާ އެކު އެތަނުގައި ހުރި ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ހަތް މީހަކު ހިމެނޭ ކަމަށެވެ.އެ ހަތް މީހުންގެ ޕާސްޕޯޓު ހިފަހައްޓައި އެ މީހުންނާ ގުޅުންހުރި ތަންތަން މިހާރު ބަލައި ފާސްކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވި އެވެ.ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.ހާދިސާ ހިނގި ރޭ މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އެ ހާދިސާ ހިނގީ އެ ގޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.ޔުމްނު އާއެކު އުޅުނު މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ފުލުހުން ވާހަކަދައްކާފައި މިވަނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.ޔުމްނު ވެއްޓުނު ރޭ، އޭނާ އާއެކު އުޅުނު ހުރިހާ އެންމެންގެ ވަނަވަރު އާންމު ކުރުމަށާއި ރައުދު ހައްޔަރު ކުރުމަށް ގޮވާލައި ރޭ ޒުވާނުން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު